Fri, 29 May, 2020, 7:31 pm
އަފްރާޝީމުގެ މަރުގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބުނާނެ ޖާގައެއް ނެތް: ސުއޫދު
2

ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށް ނެރުނު ރިޕޯޓް ފުރިހަމަނޫން ކަމަށް ބުނާނެ ތަނެއް ނެތް ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރާޝީމު އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމާއި އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ހަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާއަަތާ ގުޅިފައި އޮތް ޖިނާއީ ކުށްކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައްކަތް ނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކިންގެ ހެކި ބަހުން އަދި ވޭތުވެދިޔަ ހަތް އަހަރު ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށެވެ.

“ވީމާ، މަރު ކޮމިޝަންގެ ރިޕޯޓް ފުރިހަމަނޫން ކަމަށް ބުނާނެ ތަނެއް ނެތް،” ސުއޫދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ސުއޫދު މިހެން ވިދާޅުވިއިރު، އަފްރާޝީމުގެ މަރާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ސަލަފް ޖަމްއިއްޔާ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނެއެވެ.

ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް މަރު ކޮމިޝަންގެ ރިޕޯޓާ ގުޅިގެން މިހާތަނަށް ފުލުހުން އަޅާފައިވަނީ ކޮން ފިޔަވަޅެއްތޯ މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ބަންދުކޮށް ފިޔަވަޅު އަޅަން އެއްވެސް ފަރާތަކުން ފާހަގަކޮށްފައިނުވާ ކަމަށާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ބަންދުކޮށް ހައްޔަރު ކުރާނެ ތަނެއް ނެތް މަރު ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.