މުޙައްމަދު އިބްރާހިމް
26 November 2019
މަޤްބޫލު ޙަބަރު

ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖަމިއްޔާތަކަށާއި ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

އަފްރާޝީމުގެ މަރުގެ މައްސަލަ ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ތަކަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓް ފާސްކުރީ 47 މެންބަރުންގެ ވޯޓާއެކުއެވެ. އެ ރިޕޯޓު ބަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓުގައި 11 ކަމެއް ކުރަން ވަނީ ލަފާދީފައެވެ.

އެގޮތުން ޖިނާއީ ކުށްތައް ހިންގާފައިވާ ކަމަށް އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ކަނޑައެޅިގެން ފާހަގަކޮށްފައިވާ އެންމެހައި ފަރާތްތަކާމެދު ލަސްނުކޮށް ގާނޫނީގޮތުން ފިޔަވަޅު އެޅުމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި އަފްރާޝީމު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ހ. ލޮބީ/ ހުސެއިން ހުމާމާއި ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އެ ޖަރީމާ ހިންގުމުގައި ބައިވެރިވި 18 އަހަރު ނުފުރޭ ކުޑަކުއްޖާ ހިމެނެއެވެ.

އޭގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމިއްޔާ، ޖަމާއަތްތަކަށާއި އަފްރާޝީމު މަރާލުމުގެ ޖަރީމާއާ ގުޅޭ އެކިއެކި ކަންކަން އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކާމެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނެނީ ޖަމިއްޔަތުލް ސަލަފާއި ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތް އަދި ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތެވެ.

އަފްރާޝީމު މަރާލުމުގެ ޖަރީމާއާ ގުޅޭ އެކިއެކި ކަންކަން އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކުގެ ގޮތުގައި 241 ކޮމިޓީން އެކުލަވާލި ލިސްޓުގައި އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހިމެނޭ ގޮތަށް 36 މީހެއްގެ ނަން ފާހަގަކޮށްފައިވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގެން، ސިޑިގޮޅި ކައިރީގައި، ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©