Sun, 26 January, 2020, 10:01 am
ކޮރަޕްޝަން މައްސަލައެއް ފައިލްކޮށްފައިވާ ކަމަށް ބުނާ ހަބަރުގެ ހަގީގަތެއް ނެތް: ފެނަކަ

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީގައި ފައިލްކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރުގެ ހަގީގަތެއް ނެތް ކަމަށް ބުނެ އެ ހަބަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދޮގު ކޮށްފިއެވެ.

އިދިކޮޅު ޕާޓީތަކަށް ތާއީދުކޮށް ގިނަ ހަބަރުތަކެއް ގެނެސްދޭ އޮންލައިން ނޫހަކުން މިއަދު ޖެހި އެ ހަބަރުގައި ބުނެފައިވާ ގޮތުން، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެ ނޫހަށް ވަނީ ލިބިފައެވެ.

އެ ލިޔެ ކިޔުންތަކުގައި 1.2 މެގަވޯޓުގެ ދެ ޖަނަރޭޓަރު ސެޓުތަކެއް ގަތުމަށް އިއުލާންކުރުމަށްފަހު ބިޑުކުރުމުގެ ހުރިހާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު އަލުން ހަމަ އެ ޖަނަރޭޓަރުތައް ގައުމަށް އިއުލާން ކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އެ ހަބަރާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެނޫހުގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ، އަދި ކަން ހިނގާފައިވާ ގޮތް ސާފުކުރުމެއް ނެތި ހެޔޮނިޔަތުން އެއްކިބާވެ ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

އަދި އެއީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކުން ބޭރުވެ، ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުވާލައި، ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ ވެރިންނާއި ޒިންމާދާރު މުވައްޒަފުންގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ލިޔެފައިވާ ލިޔުމެއް ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.

“ދަންނަވަމެވެ. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިންކުރާ ކޮންމެ ކަމެއްވެސް ކުރަމުންދާނީ ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނާނެހެން، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި ކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ،” ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ބުނީ، ކުންފުނިން ދޭ ހިދުމަތްތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާ ފަރާތަކަށް އަބަދުވެސް އެ ކުންފުނިން މަރުހަބާ ކިޔާނެ ކަމަށެވެ.

Leave a comment

Your email address will not be published.