Sun, 7 June, 2020, 1:08 pm
ބާރުސްޕީޑްގައި ވެހިކަލް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ
9

އާދަޔާ ޚިލާފް ބާރުސްޕީޑްގައި ނުރައްކާވާގޮތަށް ވެހިކަލް ދުއްވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައެވެ.

އަދަބެއްގެ ގޮތުގައި ބިލުގައި ވަނީ ފުރަތަމަ ފަހަރު ނަމަ، 1،000ރ. އިން ޖޫރިމަނާ ކުރުމަށް ހިމަނާފައެވެ. އަދި ދެ ވަނަ ފަހަރަށް ނަމަ، 1،500ރ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާ ކުރުމަށް ހިމަނާފައިވެއެވެ. މީގެއިތުރުން ބާރަށް ދުއްވި އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ރޯޑް ސޭފްޓީ ކައުންސިލެއް އުފެއްދުމަށްވެސް ހިމަނާފައެވެ. އެ ކައުންސިލަކީ ޓްރާންސްޕޯޓަށް ލަފާ ދިނުމަށް އުފައްދާ ކައުންސިލެކެވެ. އެ ކައުންސިލްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި އެޓާނީ ޖެނެރަލް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ ފަދަ ތަންތަނުގެ ފަރާތުން މެމްބަރުން ތިބޭނެއެވެ.

ބިލްގައި ބުނެފައިވާ އެހެން ބައެއް ޖޫރިމަނާތަކުގެ ތެރޭގައި އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުމާއި ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމަކީ މަނާ ކަމެކެވެ. އެފަދަ އަމަލެއް ކުރި މީހެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ވަނީ ފުރަތަމަ ފަހަރުން ނަމަ، 500ރ. އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައެވެ. އަދި ދެ ވަނަ ފަހަރު ނަމަ، 1،000ރ. އަދި އިތުރުވާ ކޮންމެ ފަހަރަކަށް 1،500ރ. އިން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އުޅަނދު ދުއްވި މީހާގެ އަދަބަކީ ފުރަތަމަ ފަހަރަށް 500ރ. އިން ޖޫރިމަނާ ކުރުން، ދެ ވަނަ ފަހަރަށް ނަމަ 750ރ. އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1،000ރ. އިން ޖޫރިމަނާ ކުރުމެވެ.

Leave a comment

Your email address will not be published.