Sun, 26 January, 2020, 10:10 am
ރައީސް ސޯލިހު، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސްއާއެކު މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ފުރިފައިވާ އުޅަނދުތަކުގެ ހުއްދަ ބާތިލު ކުރުމާއި ގުޅިގެން ކުރިމަތިވާ ދަތިތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، އެ ގަވާއިދުގެ ދަށުން ޓެކްސީ ކުރަން ބޭނުންކުރާ އުޅަނދުފަހަރު އާ ކުރުމަށް މާލީ ގޮތުން ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ޓެކްސީ ޑްރައިވަރުންގެ ފަރާތުން ރައީސްއާ ހިއްސާކުރެއްވިއެވެ.

އެ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައި، ޓެކްސީގެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދިނުމަށް ހުރި އެހެނިހެން ދަތިތަކުގެ މައުލޫމާތު ވެސް ރައީސްއާ ވަނީ ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތައް ޝާމިލްވާ ގޮތަށް، އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތްތައް ބައްލަވައި، ޓެކްސީ ޑްރައިވަރުން ފާހަގަކުރައްވާފައިވާ ކަންތައްތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ބައްލަވައި ވީހާވެސް ފުރިހަމައަށް އެ ހިދުމަތް ފޯރުކޮށްދެއްވުމަށް ޓެކްސީ ޑްރައިވަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

Leave a comment

Your email address will not be published.