Fri, 29 May, 2020, 5:35 pm
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް
4

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވަން ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމް ވިދާޅުވަމުން ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓުން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާއި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް ޕްލަސް އެކައުންޓަކަށް ޓްރާންްފާކޮށް 36 މަސް ދުވަހުގެ މުއްދަތަށް އެފައިސާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާ އަކަށް ވާތީ އެ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެފައިސާ ބެހެއްޓުމަށް ރައީސް ޔާމީން އެއްބަސްވި ނަމަވެސް އެފައިސާ އިންވެސްޓް ކޮށްގެން ނަގަމުންދިޔަ މަންފާ ނެގުން ހުއްޓާނުލައި، އެހެން ގޮތަކުން ހޯދި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ރައީސް ޔާމީިންގެ ފަރާތުން ޖަމާކުރިކަން ފާހަގަކުރެވިފައިވާ ކަމަށެވ.ެ

އޭގެ އިތުރުން ވަކި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވުން، ނުވަތަ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ހާލަތުގައި ފައިސާ އަތުގައި ބެހެއްޓުމާއި އެ ފައިސާ އޮޅުވާލުމާއި އެ ފައިސާއިން މަންފާ ހޯދުމުގެ އަމަލަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމަށް ވާއިރު ރައީސް ޔާމީންގެ ފަރާތުން މި އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށަށް ރައީސް ޔާމީން ކުށްވެރި ވެއްޖެ ކަމަށެވެ.

އެހެންކަމުން މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކުރާ ނިންމިއެވެ.

ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަށެވެ. އެއީ 1986 ވަނަ އަހަރުއެވެ. އެ ފަހަރު އެމަނިކުފާނުގެ މައްޗަށް 25 އަހަރަށް އަރުވާލުމަށް ހުކުމެއް އިއްވި ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ރައީސް ނާސިރަށް މައާފު ދެއްވިއެވެ.

Leave a comment

Your email address will not be published.