މުޙައްމަދު އިބްރާހިމް
28 November 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެރިޓޭޖް މިނިސްޓްރީގެ މުޝީރުންގެ ގޮތުގައި މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ

* ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ ނަސީމާ މުހައްމަދުކަލޭފާނު، ހ. މާގިރި

* ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އައްބާސް އިބްރާހިމް، މ. ސިލްވާކްލައުޑް

* ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަބްދުﷲ ސޯދިގު، ހ. އާމުލީގެ

* މުހައްމަދު ވަހީދު (މަޑުލު ވަހީދު)، މ. މަޑުލު

މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސް ވަނީ އެބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވާއާލާކުރުމުގެ މަސައްކަތުގައި ހެރިޓޭޖް މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުގެ އިތުރުން މިއަދު އައްޔަންކުރެވޭެ މުޝީރުންނަށް ލިބިވަޑާއިގެންފައިވާ ތަޖުރިބާގެ ބޭނުން ހިތްޕަވައި، ދިވެހީންގެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފެންނާނެ ފަދައިން ރައްކާތެރިކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މުޝީރުންގެ ގޮތުގައި އައްޔަންކުރެއްވި ބޭފުޅުން ވަނީ ދިވހެި ތާރީހާއި ސަގާފަތް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަގުގައި މިއަދު ދެއްވި ފުރުސަތަށް ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެބޭފުޅުންގެ ހުރި ވިސްނުންފުޅު ރައީސްއާ ހިއްސާކުރައްވައި، އެބޭފުޅުންގެ ލަޔާގަތާއި ގާބިލުކަންހުރި މިންވަރަކުން އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©