Sun, 29 March, 2020, 10:32 am
ސިއްރު ކައިވެނިތައް އިސްލާމީ ޝަރީއަތާ ހިލާފު، ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ: ހުތުބާ

ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެއް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާން”ގެ ނަމުގައި މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ކައިވެނިކުރުމަށްޓަކައި އިސްލާމްދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްވާ ކަމަށާއި އެކަންކަމަށް ގާނޫނާއި ގަވާޢިދުތަކެއް ހެދިފައިވާ ކަމަށެވެ.

އެގޮތުން ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހައި ވެސް ގިނަ ބަޔަކަށް އެނގޭނެހަން ފާޅުކަން ބޮޑު ގޮތެއްގައި ކަމަށާއި ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއު ކުރައްވާފައިވަނީ އެ ސަބަބަށްޓަކާ ކަމަށެވެ.

ނަމަވެސް އެއާ ހިލާފަށް ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އެ ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި އެއާއެކު ދަރިންނަށް ވެކްސިން ދިނުމަކީ ވެސް އެމީހުން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. މިފަދައިން ބުނާއިރު އެކުދިން ބަލިވީމަ ދައްކަން ބޭނުންވަނީ ވެސް އަންހެން ޑޮކްޓަރުންނަށް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ނަމަވެސް އަންހެން ކުދިންނަށް ކިޔަވައިނުދޭ ކަމަށްވާނަމަ އަންހެން ޑޮކްޓަރުންނާއި އަންހެން ޓީޗަރުންނާ ތަފާތު ފަންނުތަކުގެ ހުނަރުވެރި އަންހެން ކަނބަލުން ހޯދާނީ ކޮންތާކުންތޯ ހުތުބާގައި ސުވާލު އުފެއްދިއެވެ.

ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގައި އިލްމު އުނގެނުމަކީ ދެ ޖިންސަށް ވެސް ވާޖިބު ކަމެއް ކަމަށާއި ބަލިވުމުން ބޭސްފަރުވާ ކުރުމާއި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ ދީން ބާރުއަޅާ ކަންކަން ކަމަށެވެ.

ހުތުބާގައި ވިދާޅުވީ، މިއަދު އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑަ ނޫން ކަމަށާއި އެބައި މީހުން ގަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބައނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރާ ކަމަށެވެ.

އެ ފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ތާއޫތު ކަމުގައި ނިންމައި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި، އެމީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލާ ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައި އެ ނުބައި ނިންމުންތަކުގެ ސަބަބުން އެގައުމުގެ މީހުންގެ މުދާ ފޭރުމާއި މެރުން ހުއްދަ ކުރާ ކަމަށެވެ.

އެފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެ، އެހެން މީހެއްގެ ސަލާމަތަށް ޖަވާބެއް ނުދޭ ކަމަށާއި ވަރިކާވަނީގެ މުއާމަލާތްތައް ގިނައިން ކޮށް އުޅެނީ އެ މީހުންގެ މީހުންނާ އެކަނި ކަމަށެވެ. އެ މީހުން ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތައް ކަމަކު ނުދާ ކަމަށާއި ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުގޮސް، ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.