މުޙައްމަދު އިބްރާހިމް
30 November 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެކުވެރި އަރަބް އިމާރާތު (ޔޫއޭއީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހްދު، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހުދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގަައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ނަމަވެސް ރައީސް އަރިހުގައި މި ދަތުރުފުޅުގައި ވަޑައިގަންނަވާ ބޭފުޅުންނެއް ރައީސް އޮފީހުން ނުބުނެއެވެ. އަދި ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަމަށް ވެސް ހާމައެއް ނުކުރެއެވެ.

ނަމަވެސް ފްލައިޓެއްގެ ތެރޭގައި ރައީސް ސޯލިހާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހާއެކު އަބޫދާބީއަށް ދަތުރުފުޅެއް ކުރައްވާ ކަމަށެވެ. އަދި ދެބޭފުޅުންގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދު މިހާރު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވެސް ބުނީ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ދުވަހުގެ ދަތުރުފުޅެއްގައި އަބޫދާބީއަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވަލީއަހުދު އަދި ގައުމުގެ ބޮޑުވަޒީރުގެ ނައިބު މަންސޫރު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©