މުޙައްމަދު އިބްރާހިމް
30 November 2019
މަޤްބޫލު ޙަބަރު

ފަލަސްތީނުގެ ރައްޔިތުންނަށް ލިިބިގެންވާ ހައްގުތައް ލިބިދިނުން ލަސްވެ، ދިގުލައިގެންދާތީ އެކަމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް މި ކަންބޮޑުވުން ފާޅުކުރެއްވީ އިއްޔެ ފާހަގަކުރި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސްގެ އެ މެސެޖުގައި ފަލަސްތީނުގެ ރައްޔިތުންނާމެދު ކުރެވޭ ބޭއިންސާފު އަދި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ތަހައްމަލުކުރަންޖެހިފައި ވަނީ ދަތި އުނދަގޫ ދިރިއުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އެތައް އަހަރެއް ވަންދެން ނިގުޅައިގަނެފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އަނބުރައި ހޯދައިދެވޭނީ އދ. އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވެސް ގާއިމުކުރެވިގެންކަން ފާހަގަކުރައްވައި އެ މަސައްކަތް އަވަސްކުރުމަށް ރައީސްގެ މެސެޖުގައި ގޮވާލެއްވިއެވެ.

ނަމަވެސް ސުލްހައަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާންވާނީ އދ. ގެ ސަލާމަތީ މަޖިލީހާއި އެ ޖަމިއްޔާގެ އާންމު މަޖުލީހުގެ ގަރާރުތަކާއި ގާނޫނުތަކާ އަދި އެނޫންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންތަކާ އެއްގޮތްވާ ގޮތުންކަން ފާހަގަކުރައްވާ ރައީސްގެ މެސެޖުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ މި ހައްގުތައް ލިބިދިނުން ލަސްވެ، ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަށް ހައްލެއްލިބި ސުލްހަ ގާއިމުކުރެވޭނީ އދ. ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ބޭއިންސާފާއި ދެކޮޅަށް ފަލަސތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ދެމި ތިބޭނެކަމުގެ ޔަގީީންކަން ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©