

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބޭއްވި ޕުރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ހުކުމް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ބޮޑެތި މައްސަލަތަކެއް ހުރި ހުކުމަކަށްވާތީ ކަމަށް ވަކީލުން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. ނަމަވެސް އެމަނިކުފާނު ބަހައްޓާފައި ހުންނެވީ ކޮންކަހަލަ ޖަލު ގޮޅިއެއްގައި ކަމެއް އަދި ނޭނގެއެވެ.
