Tue, 21 January, 2020, 8:35 am
2023ގެ ކުރިން ރަށްރަށަށްދޭ ކަރަންޓުގެ %70 އިޔާދަކުރަނިވި ހަކަތައަށް

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ 70 ޕަސެންޓަށް ބަދަލުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ އިންޖިނިއަރުންގެ މަހާސިންތާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރުމާއި އެކަމުގެ މުހިންމުކަމުގެ ވާހަކަ ދައްކަން ފެށި ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ގާއިމުކުރެވިފައިވާ ނެޓްވޯކްތަކުން ލިބެނީ ހަމައެކަނި 16 މެގަވޮޓްގެ ކަރަންޓު ކަމަށާއި އޭގެތެރޭގައި ފެނަކައިގެ އަށް މެގަވޮޓް ހިމެނޭ ކަމަށެވެ.

ސައީދު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް އެ ދާއިރާ ފުޅާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް މިހާރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައަށް ހޭދަކުރާ މިންވަރު އަންނަ ޖަނަވަރީ މަހުން ފެށިގެން ތިން ގުނައަށް ބޮޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެކުންފުނީގެ ހިދުމަތްތަކަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކޮންމެ ދެމަހަކުން އެއްމަހަކު އާ އިންޖީނުގެއެއް ހުޅުވިގެންދާއިރު، ގޭގައި ތިބެގެން ކަރަންޓު ބިލު ދެއްކޭނެ އިންތިޒާމާއި މިހާރު ބޭނުންކުރާ ބިލުގެ ސައިޒު އަންނަ އަހަރު ފެށުމާއެކު ކުޑަކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ކުރިން ފެނަކައާމެދު ރައްޔިތުން ދެކޭގޮތް މިހާރު ބަދަލުވެފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެ ކުންފުންޏަކީ މިއަދު ކޮރަޕްޝަނުން ސަލާމަތްވެފައިވާ ފައިދާވަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

Leave a comment

Your email address will not be published.