

ނ. މާފަރަށް މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފިއެވެ.
އާބޫ ދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު ދަތުރުތައް ފެށި ނަމަވެސް ރަސްމީކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ.
އެ އެއާޕޯޓަށް މާލެއިން ދިއުމަށް 40 މިނެޓް ނަގާއިރު މާފަރަށް ދިއުމުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750 ރުފިޔާއެވެ.
ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އޭ320 އާއި ބޮއިން 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަރައްގީކުރަން ފެށި މި އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި އިންޓަނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިއަށް ގެންދިޔައެވެ.
ނަމަވެސް އަދިވެސް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެއެވެ.
