Sun, 26 January, 2020, 10:08 am
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް، ޖޭއެސްސީއަށް އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ/ ރައީސް އޮފީސް
ފަނޑިޔާރު ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖޭއެސްސީއަށް އައްޔަންކުރެއްވި ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައި މިވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާގެ ނަން ޖޭއެސްސީއަށް ފޮނުވާފައިވަނިކޮށެވެ.

އެގޮތުން ޖޭއެސްސީން އޭނާއާ އިންޓަވިއުކޮށް ރައީސް ސޯލިހަށް ރަފާ އަރުވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަންޖެހޭއިރު، މިވަގުތު އެކޯޓުގައި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ކުރިން ހުންނެވި އަބްދުލް ޣަނީ މުހައްމަދާއި މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އަދި މަހާޒް އަލީ ޒާހިރެވެ.

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ މިހާރު ހުންނެވީ ސަސްޕެންޑުކޮށްފައެވެ. އަދި އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. ޣަނީ މަގާމުން ދުރުކުރުމުން މިދިޔަ ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހުރިހާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރެވުނީއެވެ.

ފަނޑިޔާރު ރައޫފަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާާނޫނީ ވަކީލު ކަމާއި ސިވިލް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ. ފަނޑިޔާރު ރައޫފް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ މާޗް 26، 2011 ގައެވެ.

Leave a comment

Your email address will not be published.