މުޙައްމަދު އިބްރާހިމް
01 December 2019
މަޤްބޫލު ޙަބަރު

ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކުރުމުން ބަލިވެ އިނދެ، 13 އަހަރުގައި ވިހެއި މައްސަލައިގެ ތުހުމަތުގައި ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު އިއްޔެ ހައްޔަރުކޮށްފިއެވެ.

ހައްމާދަކީ ދޯންޏެއްގައި ދެ މީހެއްގެ ދެމެދުގައި ހިނގި ދީނީ ޒުވާބެއް ހޫނުވެ، ވަޅި ހަރައި ކަނޑަށް އެއްލައިލި މީހާއެވެ. އަދި އޭނާއަކީ މީގެކުރިން ޓެރަރިޒަމްގެ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަން ވެސް ފުލުހުން ބުނެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދައްކަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދު، 26، އަށް ހޮސްޕިޓާލުން ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށް ހަނީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގައެވެ.

އެގޮތުން އެ މައްސަލައިގައި 14 ފަރާތަކާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 13 އަހަރުގެ ކުއްޖާ އާއި އޭނާގެ މަންމަ ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް ފުލުހުން ހޯދާފައިވާ ފޮރެންސިކް ބައެއް ހެކިތަކުން ހައްމާދުގެ ޑީއެންއޭ އާއި އޭނާ ރޭޕްކުރި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭއާ ދިމާވާ ކަމަށް ވިދާޅުވިއެވެ.

ހަނީފު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ އެހީގައި ހައްމާދަށް ދައުވާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަނީފު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©