

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފުލެޓަށް ފޯމް ހުށަހަޅައި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް، ފުލެޓްތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ކޮމިޓީން ނިންމައިފިއެވެ.
ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް 25244 ފޯމާއި އެ ފޯމުތަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު އެ ލިޔެކިޔުންތަކާ ހަވާލުވުމަށް ދިގު މުއްދަތެއް ކޮމިޓީން ހޭދަކުރަންޖެހުނު ކަމަށެވެ.
އަދި ކޮމިޓީން ލިޔެކިޔުންތަކާ ހަވާލުވިއިރު، އެ ލިޔެކިޔުންތައް ބެހެއްޓިފައިހުރީ ހައުސިން މިނިސްޓްރީގެ އެކި ގުދަންތަކުގައި އެކިއެކި ހާލަތްތަކުގައިކަން ވެސް ފާހަގަކުރެވުނު ކަމަށާއި އެގޮތުން ކޮމިޓީން މިހާރު ކުރިއަށްގެންދަނީ ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށެވެ.
ނަމަވެސް ހިޔާ މަޝްރޫއަށް ފޯމް ހުށަހެޅި ފަރާތްތަކަށް ފުލެޓް ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ “ދިރިއުޅުމުގެ ހާލަތު”، އެ ބަޔަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ކޮމިޓީން ބުނެއެވެ.
އެގޮތުން ހިޔާ މަޝްރޫއުގެ ގިނަ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް އެބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިގަންޑެއްކަމެއް ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތް ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެ ކުރިން ގޭގެއަށް ޒިޔާރަތްކޮށްފައި ނުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ކޮމިޓީގެ އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެންމެ އިންސާފުވެރި އަދި ހަމަހަމަކަމާއެކު ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެން ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް އިއުލާނުގައިވެއެވެ.
އަދި ދިރިއުޅުމުގެ ހާލަތު ބެލުމަށް އެކުލަވާލައިފައިވާ ޓީމުތައް ގޭގެއަށް ޒިޔާރަތް ކުރުމުގައި އަމަލުކުރާނެ ހަތަރު ގޮތެއް ކޮމިޓީން ކަނޑައަޅާފައިވެއެވެ.
އެގޮތުން ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، 3010718 މި ނަންބަރުން ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް އަންގާނެއެވެ. އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރާނީ ދެ މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށާއި ހާލަތު ދެނެގަންނަ ޓީމުގައި ހިމެނޭ ފަރާތްތަކުގެ އަތުގައި ރައީސް އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑެއް އޮންނާނެ ކަމަށް ކޮމިޓީން ބުނެއެވެ.
ކޮމިޓީން އިތުރަށް ބުނީ ހާލަތު ދެނެގަންނަ ޓީމުތަކުން ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އާއި ހަވީރު 6:00 ދެމެދުގެ ވަގުތެއްގައިކަމަށެވެ.
