Fri, 5 June, 2020, 11:00 am
ރައީސް ސޯލިހާއި ރައީސް ނަޝީދު، ސައުދީ ޕްރިންސް މުހައްމަދާ ބައްދަލުކުރައްވައިފި
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފިއެވެ.

ދެ ރައީސުން ޕްރިންސް މުހައްމަދާ ބައްދަލުކުރައްވާފައި މިވަނީ ޔޫއޭއީގެ ވެރިރަށް، އަބޫދާބީއަށް ދެބޭފުޅުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމެއްގެ ފޮޓޯއެއް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ޓުވީޓު ކުރެއްވިއިރު، ފޮޓޯގައި ދެ ރައީސުންނާއި ޕްރިންސް މުހައްމަދު ވެސް ހުންނެވީ ހިނިފުޅު ވަޑުވައިގެންނެވެ.

މި ދަތުރުފުޅަކީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށެވެ. ދެ ރައީސުން މިއަދު ވަނީ ޕްރިންސް ޒައިދާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ވަޑައިގެންނެވިއިރު، ޕްރިންސް ޒައިދުގެ ދައުވަތަކަށް ޕްރިންސް މުހައްމަދު ވެސް ހުންނެވީ އަބޫދާބީއަށް ވަޑައިގެންނެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަހުދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގަައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ރައީސް އަރިހުގައި މި ދަތުރުފުޅުގައި ވަޑައިގަންނަވާ ބޭފުޅުންނެއް ރައީސް އޮފީހުން ނުބުނެއެވެ. އަދި ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަމަށް ވެސް ހާމައެއް ނުކުރެއެވެ.

Leave a comment

Your email address will not be published.