

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޕީޖީގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަކި ކުރުމުގެ އިޖުރާއަތް ފެށުމާއެކު އޭނާ ވަނީ މިދިޔަ ބުރާސްފަތި އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ.
އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވަރަށް ގިނަ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލު އަހުމަދު ޒަނީނެވެ.
ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުސްވެފައިވާ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަން ހުސެއިން ޝަމީމު އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.
