މުޙައްމަދު އިބްރާހިމް
02 December 2019
މަޤްބޫލު ޙަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެބޭފުޅުންގެ ނަންފުޅު މިއަދު ފޮނުވައިފިއެވެ.

މުއުތަސިމް އަދި ސުއޫދުގެ ނަން ޖޭއެސްސީގެ މަޝްވަރާއަށް ފޮނުއްވިކަން ރައީސް ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ރިޔާސަތު ބެލެހެއްޓެވި ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ކަންތައް ހާމަކޮށް ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ފަރާތްތަކާއި ރައީސް ފޮނުއްވި ނަންފުޅުތަކާއެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓު ކުރެވުނު ބޭފުޅުންނާއި އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމަށާއި އެ ރިޕޯޓުގެ އަލީގައި ކޮމިޝަނުން ރައީސްއަށް މަޝްވަރާ ދިނުމަށް ނިންމި ކަމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުސުއޫދަކީ “ހައިލީ ރިކޮމެންޑަޑް” ބޭފުޅުންކަން ރައީސަށް މަޝްވަރާ ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މުތުތަސިމްއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހާއެކު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރިއެވެ.

ސުއޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.

ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން އަބްދުއްރައޫފް އިބްރާހިމްއާ ގުޅޭގޮތުން ތިން ޝަކުވާއެއް މިއަދު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސްއަށް މަޝްވަރާދިނުމަށް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©