Tue, 21 January, 2020, 8:20 am
ރައީސް މައުމޫންއަތުން 29މިލިޔަން ރުފިޔާ ހޯދަން ޖާބިރު ކޯޓަށް

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫގެ އަތުން 29 މިލިޔަން ރުފިޔާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޖާބިރު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ އޭނާގެ އަތުން މައުމޫން ނަގާފައިވާ 29 މިލިއަން ރުފިޔާ، އަނބުރާ ދައްކާފައިނުވާތީ އެ ފައިސާ ބޭނުންކޮށްގެން އޭނާ އަށް ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާގެ ނަފާ ލިބުމުގެ މަގު ބަންދުވެ އެކަމުގެ ސަބަބުން އޭނާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ޖާބިރު ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ މި ފައިސާ އެއްފަހަރާ ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ ނުދެއްކިއްޖެނަމަ މައުމޫންގެ ގެކޮޅު މއ.ކިނބިގަސްދޮށުގެ އޭނާއާ ހަވާލުކުރުމަށް ޖާބިރު ވަނީ މައްސަލާގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ޖާބިރު ވަނީ ހުށަހަޅާފައެވެ. އެގޮތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ އިތުރުން އާމިނަތު ޝަބީބާ ކިޔާ ބޭފުޅެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖާބިރު އަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއަށް މައުމޫން ހިޔާނާތްތެރިވި ކަމަށްބުނެ ޖާބިރު މީގެކުރިން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް މަންމާފުޅުގެ އެދިވަޑައިގަތުމަށް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް މައުމޫނަށް މައާފު ކުރުމަށް ނިންމާފައިވާ ކަމަށް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.