Fri, 5 June, 2020, 2:45 am
13 އަހަރުގެ ކުއްޖާ އާއި ވިހޭ ދަރިފުޅު އަދި ހަ ބެއިން ދައުލަތުގެ ބެލުމުގެ ދަށަށް
7

އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާ އާއި އޭނާ ވިހޭ ދަރިފުޅާއި އެ އާއިލާއަށް ނިސްބަތްވާ ހަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހިޔާލު ތަފާތު ވުމަކަށްފަހު ވަޅި އަޅައި ކަނޑަށް އެއްލާލި ހާދިސާގެ ތެރެއިންނެވެ.  އެގޮތުން އެ ހާދިސާގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދަކީ އެ ކުއްޖާއާ ކޯޓުން ބޭރުން ކައިވެނިކުރި މީހެއްކަން ހާމަވިއެވެ.

އެ މައްސަލާގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާމެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ކުޑަކުދިން ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ މައްސަލައާއި އެ އާއިލާގެ ކުއްޖަކު ވިހާފައިވާ މައްސަލަ ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުން ދަނީ ބަލަމުންނެވެ.

ފުލުހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ، މިހާތަނަށް ފުލުހުން ހޯދާފައިވާ ފޮރެންސިކް ބައެއް ހެކިތަކުން ހައްމާދުގެ ޑީއެންއޭ އާއި އޭނާ ރޭޕްކުރި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާއި ގުޅިގެން އެއާއިލާގައި ހިމެނޭ ހަ ކުދިންނާއި އަދި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި އެކުދިންނާ މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ތޭރަ އަހަރުގެ ކުއްޖާއާއި އޭނާ ވިހެއި ދަރިފުޅުގެ އިތުރުން އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ ކުދިންތަކެއް ދައުލަތުގެ ބެލުމުގެ ދަށަށް މިއަދު ގެނައިއިރު، އެ އާއިލާ ބަލަނީ އެކުދިންގެ މަންމަ އެކަންޏެވެ. އަދި އެ މައްސަލައަކޯ ފުލުހުން ކުރިން ވެސް ބަލަމުންދިޔަ މައްސަލައެއް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، 13 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ، ހުކުމް ކޮށްފައިވާ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

Leave a comment

Your email address will not be published.