Fri, 5 June, 2020, 12:45 am
Photo: Sun online
އެއްވެސް ޖަލެއްގައި ރައީސް ޔާމީން އޮންނާކަށް ނުޖެހޭނެ، ގައުމަށްޓަކާ ދޫކޮށްލަންޖެހޭ: އަދުރޭ
44

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރާއްޖޭގެ އެއްވެސް ޖަލެއްގައި އޮންނަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ގައުމަށްޓަކާ އެމަނިކުފާނު ދޫކޮށްލަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ އެއްވެސް ޖަލެއްގައި އޮންނަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމުން މިހާރުން މިހާރަށް އެމަނިކުފާނު މިނިވަންކުރަންޖެހޭ ކަމަށެވެ.

އަދި ގައުމާ ދޭތެރޭ ޒައްރެއްގެ މިންވަރުގެ ލޯތްބެއް އޮންނަމަވެސް ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލަން އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމަށްޓަކައި ދީނަށްޓަކާ އަދި ގައުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސް ކަމަށް ރައީސް ޔާމީން ދޫކޮށްލަންޖެހެއެވެ. އަދި ވިދާޅުވީ، ޖަލުގައި އެއޮތީ ރައީސް ޔާމީނެއް ނޫން ކަމަށާއި ޖަލުގައި އެއޮތީ ގައުމިއްޔަތާއި މާތްވެގެންވާ އިސްލާމްދީން މިގައުމުގައި ދަމަހައްޓަން ގުރުބާންވެވަޑައިގެން ހަރުދަނާ ލީޑަރެއް ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި އެ ހުކުމް ތަންފީޒު ކުރުމަށް މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

ރައީސް ޔާމީން ހުންނެވީ ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައިކަން ފާހަގަކުރައްވާ އަދުރޭ މިރޭ އިތުރަށް ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ބާއްވައިގެން މި ސަރުކާރުން ކޮށްފާނެ ކަމަކާ ދޭތެރޭގައި ކަންބޮޑުވެ އަސަރުކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފުރާނަ ދުއްވާލަން ވެސް މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

“ވަރަށް ނުރައްކާތެރި އަނިޔާއެކޭ، އަޅުގަނޑުމެން މިއަދު ބިރުގަނޭ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މިމީހުން ކޮށްފާނެ ކަމަކާ ދޭތެރޭގައި. ވަރަށް ކަންބޮޑުވޭ. ނުބައި އެއްޗެއް ކާންދީފާނެތީވެ ބިރުގަނޭ. އަޅުގަނޑުމެންނަށް އަސަރުކުރޭ. ނުބައި އިންޖެކްޝަނެއް ޖަހާފާނެތީ އަޅުގަނޑުމެން މިތިބީ ބިރުން ހަނދާނެ ގޮތެއް ނޭނގިފައި. މި މީހުން ބޭނުންވޭ ރައީސް ޔާމީން މިގައުމުގެ ސިޔާސީ މައިދާނުން އެކަހެރިކުރަން. އެމަނިކުފާނުގެ ސިޔާސީ ވިސްނުން މިގައުމުން ބޭރުކުރުން. އެމަނިކުފާނު މިފަސްގަނޑުން ދުއްވާލަން. މިމީހުން ފަހަށް ނުދާނެ ރައީސް ޔާމީންގެ ފުރާނަ ދުއްވާލަން ވެސް. އެހެންވެގެން އަސަރު ކުރަނީ،” އަދުރޭ ވިދާޅުވިއެވެ.

Leave a comment

Your email address will not be published.