މުޙައްމަދު އިބްރާހިމް
03 December 2019
މަޤްބޫލު ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި އަދި ފުރި ފުލައިޓްތަކުގެ އަދަދު އިތުރުވެ، އާ ރެކޯޑެއް ހަދައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް ކޮމެޕްނީ (އެމްއޭސީއެލް) އިން ބުނީ، މިދިޔަ އާދީއްތަ ދުވަހަކީ އެއް ދުވަހެއްގައި ރެކޯޑް އަދަދަކަށް ރަންވޭގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް 226 ފުލައިޓް ހަރަކާތް ހިންގި ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެއީ 102 ބައިނަލްއަގްވާމީ ދަތުރާއި 121 އެތެރޭގެ ދަތުރުގެ އިތުރުން ތިން އެޑް-ހޮކް ނުވަތަ ޝެޑިއުލް ނޫން ދަތުރެވެ.

މީގެ ކުރިން ރެކޯޑް އަދަދަކަށް ދަތުރުތައް ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ފުލައިޓްތަކުގެ އަދަދު 219 އަށް އެރިއެވެ.

ކޮންމެ އަހަރެއްގެ ކްރިސްމަސް ބަންދު ދުވަސްތަކާއި އާ އަހަރު ފެށޭ ދުވަސްތަކަކީ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އަންނަ ދުވަސްވަރެވެ.

އެއާޕޯޓްގެ ރަންވޭގެ ހަރަކާތްތައް އެއް އަހަރުން އަނެއް އަހަރު އިތުރުވަމުންދާތީވެ، އާ ރަންވޭއެއް ވަނީ ހަދައިފައެވެ. ނަމަވެސް އެ ރަންވޭ ބޭނުންކުރަން ފަށާނީ މިމަހު ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މީގެ އިތުރުން މިއަހަރު ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©