• Wed, 8 July, 2020, 3:10 am

    ޓެރަރިސްޓެއް ކަމަށް ތުހުމަތުކުރާ އަމީނަށް ދައުވާ ކުރަން ފޮނުވައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް / މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

    އުމުރުން 35 އަހަރުގެ އަމީން ފުލުހުން ހައްޔަރުކޮށްފައިވަނީ، އޮކްޓޯބަރު މަހުގެ ފަހުކޮޅު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެއިންނެވެ.

    ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަން އަމަލީ ގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

    އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔެގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތްގުޅުމެއް ބާއްވާ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

    އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ ފުރަތަމަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

    އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގެ ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރު ކުރަން އުޅުމުން ލަންކާއަށް ގޮސް ފިލުމުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާއިން އޭނާ ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

    އޭގެ އިތުރުން އޭނާއަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

    އެމެރިކާ އިން ބުނާގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި މަސައްކަތް ކޮށްދޭ މީހެކެވެ. އެގޮތުން ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވި ކަމަށާއި ނަމަވެސް މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ބުނެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.