

އަފްގާނިސްތާނުގައި ހަަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕަކާ ގުޅުމަށް ދިޔަ ދިވެއްސަކަށް އެގައުމުގެ ކޯޓަކުން 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެ ހުކުމް އިއްވާފައިވަނީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެފަދަ ފަރާތްތަކާއި ގުޅުން ބައްވަމުން އައިސްފައިވާ މީހެއް ކަމަށްވާ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު ކަމަށެވެ. އަދި އޭނާ އަފްގާނިސްތާނަށް ގޮސްފައިވަނީ އަންހެނުންނާއި ދަރިންނާއެކު ކަމަށް ވެސް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖޫން 23، 2018 ވަނަ ދުވަހު ޝާފިއު ވަނީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއެކު ބޭސްފަރުވާކުރުމަށް ލަންކާއަށް ގޮސް އެ އަހަރުގެ އޮކްޓޯބަރު މހުަގެ ތެރޭގައި ލަންކާއިން ޕާސްކިތާނަށް ދަތުރުކޮށް، އެގައުމުގެ މަގުން އަފްގާނިސްތާނަށް އެތެރެވެފައި ކަަމަށެވެ.
އަދި އެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޝާފިއު ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި އޭގެ ފަހުން ނޮވެމްބަރު 11، 2018 ގައި ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން އަފްގާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސްގައި ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށެވެ.
ފުލުހުން ބުނީ، ޝާފިއު އަފްގާނިސްތާނަށް ދަތުރުކޮށްފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ގޮތްޕެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް ހޮރަސާން ޕްރޮވިންސް (އައިސިސްކޭ) އާއި ގުޅުމަށް ކަމަށާއި އަދި ޝާފިއުގެ އަތުން ނުގެނު ޑިޖިޓަލް ޑިވައިސްއަކުން އައިއެސް ޖަމާއަތުގެ ޕްރޮފެގެންޑާ ވީޑިއޯތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގުޅިގެން އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށާއި އެގޮތުން އެ މައްސަލަ ތަހުގީގުކުރުމަށް އަފްގާނިސްތާނުގެ ކަމާގުޅޭ އިދާރާތަކާއެކު ފުލުހުން ޖޮއިންޓް އޮަޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
އަދި ޝާފިއު އަފްތާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސްފަރާތްތައް ދެނެގަނެ، އެ މައުލޫމާތު ފުލުހުންގެ ފަރާތުން އަފްގާން ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ޝާފިއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ޝާފިއުއަކީ ފެބްރުއަރީ 9، 2015 ގައި ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ދިއުމަށް ފުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
އަދި އޭނާއަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސެޕްޓެމްބަރު 30، 2015 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހެއް ކަމަށާއި އެގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނުނު ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން ޖެނުއަރީ 18، 2016 ވަނަ ދުވަހު ޝާފިއު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
