

ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ ފަނޑިޔާރަކަށް، ފަނޑިޔާރު އަލީ ސަމީރު ހަމަޖައްސައިފިއެވެ.
މި މަގާމަށް ފަނޑިޔާރު ސަމީރު ހަމަޖެއްސީ، މަގާމު ފުރުއްވަމުން ގެންދެވި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ޖޭއެސްސީއިން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާގެ ނަން ޖޭއެސްސީއަށް ނޮމިނޭޓް ކުރުމާ ގުޅިގެންނެވެ.
އެގޮތުން ފަނޑިޔާރު ސަމީރު ޖޭއެސްސީއަށް ހަމަޖައްސަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބޭއްވި އިންތިހާބަކުންނެވެ
ޖޭއެސްސީއަށް ހައިކޯޓުގެ ފަރާތުން އަލަށް އައްޔަންކުރި ފަނޑިޔާރު ސަމީރަކީ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ހައިކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލު ވެސް ހުންނެވި ފަނޑިޔާރެކެވެ..
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީ އަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ރައޫފްގެ ނަން ހިމެނެއެވެ. ޖޭއެސްސީގައި އިންނަވާ ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ މެއި މަހުގައެވެ.
ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
