Sun, 26 January, 2020, 10:19 am
ބަންޑާރަ ނާއިބު ރިފްއަތު --
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން އެދެން ފާސްކޮށްފި

ދީބާޖާ އަށް ބަދަލު ދިނުން މަޑުޖައްސާލަގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން ބަންޑާރަ ނައިބަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު މަޖިލީހުން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.

ދީބާޖާ އަށް ބަދަލުދޭން ޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

ނަމަވެސް އެގޮތަށް އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މަތިންނެވެ.

ސެޓްލްމަންޓު ކޮމެޓީން އެގޮތަށް ނިންމުމުން ސަރުކާރުގެ ބައެއް މެންބަރުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ސެޓްލްމަންޓު ކޮމެޓީގެ މެންބަރުންނަށް ރިޝްވަތުގެ ތުހުމަތު ކުރައްވާފައެވެ. އަދިި އެކަމާއި ގުޅިގެން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުވެސް މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރެއްވިއެވެ.

ދީބާޖާއަށް 348 މިލިއަން ދިނުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުގައި ރިވިއު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސްއަދި އެކަން އެގޮތަށް ނުކުރައްވާ 174 މިލިއަން ދިނުމަށް ނިންމުމުން މެންބަރުން ވަނީ އެމަނިކުފާނާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުންނެވެ.

Leave a comment

Your email address will not be published.