Wed, 22 January, 2020, 3:49 am
ލާމަރުކަޒީ ކޮމެޓީގައި އެލްޖީއޭގެ މެންބަރުން: ފޮޓޯ / ސަން
އެލްޖީއޭގެ ބޯޑު 9 މެންބަރުންނަށް އިތުރުކުރަން ނިންމައިފި

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު ނުވަ މެންބަރުނަށް އިތުރު ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އިސްލާހު ގެނެސްފިއެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާދާރީވުމަށްޓަކައި ރައީސް އައްޔަން ކުރާ މިނިސްޓަރާއި، ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާކާރު އަންހެން މެމްބަރަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެމްބަރެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި އެކު ޖުމްލަ ފަސް މެންބަރުންނެވެ.

ކޮމެޓީން ވަނީ މި ފަސް މެންބަރުންގެ އިތުރުން، އިތުރު ހަތަރު މެންބަރަކު ބޯޑަށް ލުމަށް ނިންމާފައެވެ. އެލްޖީއޭގެ ބޯޑަށް އިތުރުކުރަން ނިންމި ހަތަރު މެންބަރުންނަކީ:

  • ސިޓީ ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  • އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  • ރަށު ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  • އިތުރުން މާލީ ކަންކަމާ ގުޅޭ ވުޒާރާއިން ކަނޑައަޅާ އެ ވުޒާރާގެ މުވައްޒަފެއް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީން ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓު ދިނުމާއި ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރުން ހިމެނެއެވެ.

Leave a comment

Your email address will not be published.