މުޙައްމަދު އިބްރާހިމް
03 December 2019
މަޤްބޫލު ޙަބަރު

ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ހަގީގީ މާނައިގައި އިހުލާސްތެރިކަމާއެކު ކަންތައްތައް ކޮށްދޭން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ “ރިވެލި މައުރަޒު” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ހާއްސަ އަޅާލުމާއި ހާއްސަ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދެމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އެރޮނގުން ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އެގޮތުން މުޖުތަމައުގެ ތެރޭގައި އުޅޭ އެފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އެކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުންކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވެސް އެއްވެސް ކަމަކުން ބާކީނުކޮށް މުޅި ނިޒާމު ބައްޓަންކުރުމެވެ. އެގޮތުން ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމައުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމައުގެ ތެރޭގައި ސާމިލުވެ އުޅެވޭނެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށް އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގަިއ ނައިބު ރައީސް ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި އަމިއްލަ އެދުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©