Wed, 22 January, 2020, 3:50 am
ގާސިމް އިބްރާހީމް ކުނޫޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މިހާރު
ކައުންސިލްތަކުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ދިނުމާއި ގާސިމް ދެކޮޅު

ލޯކަލް ކައުންސިލްތަކުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ދެކޮޅު ހައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކައުންސިލްތަކުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ކަނޑައެޅުމަކީ ފިރިހެނުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ގާސިމް ވިދާޅުވީ ރާއްޖެއަކީ “ފްރީ ސޮސައިޓީއެއް” ކަމަށާއި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

“މިއީ ފްރީ ސޮސައިޓީއެއް ކޮންމެ ބޭފުޅަކުވެސް ހިންމަތާއެކު މަސައްކަތް ކުރީމާ (ކާމިޔާބު ވާނެ) ބައްލަވާލައްވާ މާރިޔާ އަހުމަދު ދީދީ. ބައްލަވާ ލައްވާ އީވާ އަބްދުﷲ. ބައްލަވާ ލައްވާ ދިޔާނާ ސައީދު. ބައްލަވާ ލައްސާ ރޮޒޭނާ އާދަމް،” ގާސިމް ވިދާޅުވިއެވެ.

އަންހެނުންނަށް ކައުންސިލުތަކުން ވަކި މިންވަރެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އަންހެނުންނަށް ކޯޓާ ދޭގޮތަށް ލޯކަލް ކައުންސިލް ގާނޫނަށް ގެންނަ އިސްލާހަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ހިލާފު އިސްލާހެއް ކަމަށެވެ.

“ގާނޫނު އަސާސީގަ ބުނެފަ އޮންނަނީ ވަކިޖިންސަކުން ވަކިކުލައަކުން ވަކި ނަސަބަކުން ވަކި ހަސަބަކުން އައިތީ ތަފާތެއް ނުކުރެވޭނެކަމަށް، އެހެންވީމަ ދެ ޖިންސުގެ ދެމެދުގަވެސް އެ ތަފާތު ގެނައުމަށް ވަކިބަޔަކަށް ވޯޓު ހޯދުމުގެ ބޭނުމުގައި ވަކި ބަޔަކަށް ވޯޓުގެ ޕަސަންޓެއް ކަނޑައަޅާ ދިނީމާ އަންހެނުންނަށް އޯވާ ރައިޑްކުރެވޭ ފިރިހެން ބޭފުޅުންގެ ހައްގުތަކަށް. އެހެންވީމާ މި ދޭތި ދިމާއެއް ނުވޭ،” ގާސިމް ވިދާޅުވިއެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާ މަޖިލީހަށް ފޮނުވާފައެވެ.

Leave a comment

Your email address will not be published.