ފަންނީ ދާއިރާތަކަށް މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު ސޮއިކޮށްފި


ފަންނީ ދާއިރާތަކަށް މީހުން ބިނަކުރުމުގެ އެއްބަސްވުމެއްގައި މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ސޮއިކޮށްފިއެވެ.
މިއަދު ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ ޢާދަމް ޢާޒިމެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސީ.އީ.އޯ އަޙުމަދު ނާޞިރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ، އިންޖިނިއަރިންގއާއި، މެކޭނިކަލް އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަކީވެސް ރަނގަޅު މުސްތަޤުބަލެއް އޮތް ދާއިރާއެއްކަމަށާއި، މިއީ ރަނގަޅު ޢާމްދަނީއެއްވެސް ހޯދޭނެ ދާއިރާއެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ސިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދުމަކީ އުނދަގޫކަމެއްކަމަށާއި، ޒުވާނުންގެ މެދުގައިވެސް މިފަދަ ދާއިރާތަކަށް އޮންނަ ޝަޢުގުވެރިކަން ކުޑަކަން ފާހަގަކުރެވޭކަމަށެވެ.
އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ބިނާކުރުމަށް ޕޮލިޓެކްނިކުން ކުރާ މަސައްކަތްތަކުގައި ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ޢާޒިމް ވިދާޅުވީ، ޕޮލިޓެކްނިކަކީވެސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ، ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއަރަމުންދާއިރު، އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް ފަންނީ މަސައްކަތްތެރިން ނުއުފެއްދޭކަމަށެވެ. އެހެންކަމުން އެކިއެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޕޮލިޓެކްނިކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ސިނާޢީ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ އިތުރުން ވަޒީފާއާއި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.
ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް މިއަދު ކުރެވުނު އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ފަހިކޮށްދިނުމުގެ އިތުރުން އެތަނުން ދަސްވެނިވާ ދަރިވަރުންނަށް ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން އެމްޑަބްލިޔުއެސްސީން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
