Sun, 26 January, 2020, 10:01 am
ފަނޑިޔާރު ޣަނީ: ފޮޓޯ / އަވަސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޣަނީ ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

އެގޮތުން ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމަށް ނިންމީ 64 މެންބަރުންގެ ވޯޓުންނެވެ. ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމާއި ދެކޮޅަށް 02 މެންބަރުން ވޯޓު ދެއްވިއެވެ.

ޖޭއެސްސީން ބުނީ، ޣަނީއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އޭނާ ކޮށްފި ކަމަށް ތަހުގީގު ކޮމިޓީއަށް ފެންނާތީ، ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލުތަކެއް ކަމަށްވުމުން، ފަނޑިޔާރުކަމުގެ މަގާމުން ޣަނީ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އޭނާއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރަން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ދުރުކޮށްފަ އެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ދުރުކޮށްފައި ވަނީ ސުލޫކީ މައްސަލައެއް ސާބިތުވެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓް ހިންގެވުމާއި މިވަގުތު ހަވާލުވެ ވަޑައިގެން ހުންނެވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ގޮތުން ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

Leave a comment

Your email address will not be published.