Wed, 22 January, 2020, 4:42 am
އިންޑިއާއިން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލަކާއި ކުރިކެޓް ސްޓޭޑިއަމެއް އަޅަނީ

އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލަކާއި ކުރިކެޓް ސްޓޭޑިއަމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ މުހިންމު ހަތަރު އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯދީ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިޔަ އަދި ރާއްޖޭގެ ތަރައްގީގެ މަގުގައި ވެސް ކުރިއެރުންތަކެއް ހާސިލުކުރި އަހަރެއް ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރަކީ ދެގައުމުގެ ގުޅުން ހުރިހާ ދާއިރާއަކުން ވެސް ބަދަހިވެ ފުޅާވެގެންދިޔަ އަހަރެއްކަމުގައި ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެގައުމުގެ ފަރުދުންގެ މެދުގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންގެ ފައިދާއައި ލާބައަށްޓަކައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގަންނަވާކަން ބޮޑު ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލް މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަން މޯދީ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގައި ވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވަން ހަމަޖެހިފައިވާކަން ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.