Tue, 21 January, 2020, 7:28 am
ވޭތުވެދިޔަ އަހަރަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއާ އިންޑިއާގެ ގުޅުން ބަދަހިވި އަހަރެއް: މޯދީ

ވޭތުވެގެންދިޔަ އަހަރަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއާ އިންޑިއާ ދެމެދުގައި ގާތް ގުޅުމެއް ގާއިމްކުރެވިގެންދިޔަ އަހަރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި މޯދީ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުމުގެ މުނާސަބާގައި އެމަނިކުފާނަށާއި ދިވެހި ސަރުކާރަށް ތަހުނިޔާއާ މުބާރަކު ބާދީ ވިދާޅުވިއެވެ.

އަދި މި ފާއިތުވި އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިޔަ އަދި ރާއްޖެ ތަރައްޤީގެ މަގުގައިވެސް ކުރިއެރުންތަކެއް ޙާސިލުކުރި އަހަރެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ ފާއިތުވެދިޔަ އަހަރަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ހުރިހާ ދާއިރާއަކުންވެސް ބަދަހިވެ ފުޅާވެގެންދިޔަ އަހަރެއްކަމުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެޤައުމުގެ ފަރުދުންގެ މެދުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގަންނަވާކަން ބޮޑު ވަޒީރު ހާމަކުރެއްވިއެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

Leave a comment

Your email address will not be published.