Tue, 21 January, 2020, 8:31 am
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު: ފޮޓޯ / ރާއްޖެ އެމްވީ
ނަރުދަމާގެ ނިޒާމު ހަލާކުވަމުންދާ ކަމަށްބުނާ މައްސަލާގައި ފެނަކައިން ރައްދު ދީފި

ނުބެލެހެއްޓިގެން ފެނާއި ނަރުދަމާގެ ނިޒާމުތައް ހަލާކުވަމުން ދަނީ އެމްޑަބްލިއުއެސްސީން ގާއިމް ކޮށްދީފައިވާ ނިޒާމުތަކެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ “ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާތަން ދަނީ ފެންނަމުން” ކަމަށް ބުނެ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާ ހަވާލާދީ ދުވަހު ނޫސް “ސަން”ގައި ޝާއިއުކޮށްފައިވާ ހަބަރާއި ގުޅޭ ގޮތުން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މަޢުލޫގެ ދަށުން ލިޔެފައިވާ ލިޔުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް، ކަންކަން ހިނގަމުންދާ ގޮތަށް ރިޢާޔަތް ކުރުމެއްނެތި، ލިބިފައިވާ މަދު އަދި ކުށް މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ފެނަކައިން ބުނީ އެކުންފުނިން ހިންގާ ނަރުދަމާ ނިޒާމު ތަކުގެ ތެރެއިން މައްސަލަ ދިމާވެގެން އެމްޑަބްލިއުއެސްސީ އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އެމްޑަބްލިޔުއެސްސީ އިން ޑިޒައިންކޮށް ޤާއިމްކޮށްފައިވާ ނިޒާމުތަކެއްގެ ޑިޒައިން މައްސަލަ ތަކެއްގެ ސަބަބުން ދިމާވި ކަންތައްތަކަކާއި ގުޅިގެންނާއި މަޝްރޫޢުތައް ހިންގި އިރު ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވެފައިހުރި ކަންތައްތަކެއް ސަބަބުން ކަމަށެވެ.

އެބަޔާނުގައި ބުނީ މިހާތަނަށް ފެނަކައިން ހިންގައި ބަލަހައްޓަމުންދާ ނަރުދަމާ ނިޒާމު ތަކަށް ދިމާވާ މައާސަލަތައް ޙައްލުނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެމްޑަބްލިއުއެސްސީ އިން ޕަމްޕްތައް ސާވިސް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ނަގައި، ޕަމްޕްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އާދަޔާ ޚިލާފަށް ލަސްވުމުގެ ސަބަބުންނާއި އަލަށް އޯޑަރ ކުރެވޭ ޕަމްޕްތައް ފޯރުކޮށްދިނުމުގައިވެސް ދިގު މުއްދަތެއް ނެގުމުގެ ސަބަބުން ކަމަށެވެ. ފެނަކައިން ބުނީ އެމްޑަބްލިޔުއެސްސީ އަށް ބަރޯސާވެގެން އެކަންކަން ކުރިއަށް ގެންދަން ޖެހިފައިވަނީ ގިނަ ނިޒާމުތަކަކީ އެމްޑަބްލިއުއެސްސީ އިން ޤާއިމްކޮށްފައިވާ، އަދި އެކުންފުނިން ވިއްކާ ޕަމްޕް ހަރުކުރެވިފައިވާ ނިޒާމުތަކެއްކަމަށް ވުމުން ކަމަށެވެ.

“އެހެންނަމަވެސް ޕަމްޕްތަކުގެ މައްސަލައަށް މިހާރު މި ކުންފުނިން ފަސޭހަ އަލިމަގެއް ހޯދާފައިވާތީ 2020 ވަނަ އަހަރުން ފެށިގެން އެފަދަ ދަތިތައް ތަޙައްމަލް ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށް އަރުވަމެވެ.” ފެނަކައިން ބުންޏެވެ.

އަދި ފެނަކަކޯޕަރޭޝަނުން ހިންގައި ބަލަހައްޓަމުންދާ ފެނާއި ނަރުދަމާ ނިޒާމުތަކަށް މިހާތަނަށް ދިމާވެފައިވާ މައްސަލަތަކުގެ %95 އަކީ އެ ނިޒާމުތައް ގާއިމް ކުރުމުގައި ދިމާވެފައިވާ މައްސަލަތަކެއް ކަމަށްވެސް ފެނަކައިން ބުންޏެވެ.

Leave a comment

Your email address will not be published.