Thu, 23 January, 2020, 6:39 am
ކައުންސިލަރުން މަޖިލީހަށް ވަކި ނުކުރެވޭ ގޮތަށް ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބަދަލު ކުރުމަށްފަހު މަޖިލީހަށް އެކަން ނުކުރެވޭ ގޮތަށް ބިލު ފާސްކޮށްފިއެވެ.

މަޖިލިހުން ލާމަރުކަޒީ ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުގައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ.ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައަށް ގެނައިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އެލްޖީއޭއިން މައްސަލަ ބަލައި މަޖިލީހަށް ފޮނުވުމުން މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ ބަދަލުގެނެސްފައެވެ.

ނަމަވެސް ކޮމިޓީއިން އެ ނިންމުން ބަދަލު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހުގެ ތަޅުމަށް އިސްލާހެއް ހުށަހެޅިއެވެ. ސަނީފުގެ އެ އިސްލާހަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީއެވެ. އަދި އެ އިސްލާހު ފާސްވުމުން ކޮމެޓީން ހިމަނާފައިވާ އޮތް ގޮތް ބަދަލުވެގެން ދިޔައެވެ.

މި ބިލުގައި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމަށްވެސް ވަނީ ހިމަނާފައެވެ. މިއީ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅިއިރުވެސް އޮތް ގޮތެވެ. މި މާއްދާއަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފައެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެއެވެ.

މީގެއިތުރުންވެސް އާބާދީއަށް ބަލާ 60،000އަށްވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބެންޖެހޭ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފައެވެ. މި ގޮތަށް ބިލަށް އިސްލާހު ގެނައީ ބިލު ދިރާސާ ކުރަމުން ދިޔައިރުއެވެ. އެހެންކަމުން ދެން އޮންނަ ކައުންސިލް އިންތިހާބެއްގައި ވެރިރަށް މާލެ ސިޓީގައި 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެލްޖީއޭގެ ބޯޑު މެންބަރުންގެ އަދަދު 9 މެންބަރުންނަށް އިތުރު ކުރުމަށްވެސް ވަނީ ހިމަނާފައެވެ. މިހާރު އެ ބޯޑުގައި ތިބެނީ 5 މެންބަރުންނެވެ.

Leave a comment

Your email address will not be published.