Wed, 29 January, 2020, 3:18 am
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރަކަށް ސުއޫދު އައްޔަންކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މި ދެބޭފުޅުންނަށް ވޯޓަށް އެހިއިރު ޖަލްސާއަށް 75 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވިއިރު، އުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ސުއޫދު ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްވީ 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ސުއޫދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެންމެ މެންބަރަކު ވޯޓު ދެއްވިއެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމުންނެވެ. އޭނާ ވަކިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ގާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މުތުތަސިމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ނިންމުމުން މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރިއެވެ.

 ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަމާއި އެޗްއާރުސީއެމްގެ މެންބަރުކަން ވެސް ކުރެއްވި ސުއޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.

އޭނާ މިވަގުތު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.

ގާނޫނަށް ބަދަލު ގެނެސް ފަސް ފަނޑިޔާއުން ތިއްބަވާ ސުޕްރީމް ކޯޓީގެ ބެންޗް މި ސަރުކާރުން ހަތް ފަނޑިޔާރުންނަަށް ބަދަލު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

Leave a comment

Your email address will not be published.