Wed, 29 January, 2020, 3:20 am
މި ދައުރުގައި މެންބަރުން ކުރީ މުސާރަ ހަލާލުވާ ވަރުގެ މަސައްކަތްތަކެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތަށް ބަލާއިރު އެ މެންބަރުންނަށް މަޖިލީހުން ލިބޭ މުސާރަ ހަލާލު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، ނަޝީދު ވަނީ މި ދައުރުގައި މެންބަރުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ތައުރީފު ކުރައްވާފައެވެ.

މި ދައުރުގައި މެމްބަރުން ކުރެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބު އިއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި މެމްބަރުން މަސައްކަތް ކުރެއްވީ 63 ދުވަހު ކަމަށެވެ. މިދިޔަ ދައުރަށްވުރެ މި ދައުރު ކުރުވި ނަމަވެސް މެމްބަރުން ކުރެއްވި މަސައްކަތް މި ދައުރުގައި މާގިނަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ދައުރުގައި ލިބުނު ބިލުތަކާއެކު ޖުމްލަ 39 ބިލެއް މި ދައުރުގައި ހުށަހެޅުނުއިރު އޭގެތެރެއިން 11 ބިލުގެ މަސައްކަތް ނިމިފައިވާއިރު ނުނިމި 28 ބިލެއް އެބައޮތެވެ.

މި ދައުރުގައި ދެ ގަރާރެއްގެ މަސައްކަތް ނިމުނުއިރު، ނުނިމި 15 ގަރާރެއްގެ މަސައްކަތް އެބައޮތެވެ. އަދި ސަރުކާރުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 17 މައްސަލައެއް ނިމިފައިވާއިރު ނުނިމި ވަނީ އެންމެ މައްސަލައެކެވެ. މި ދައުރުގައި ޖުމްލަ 33 ޖަލްސާ ބޭއްވިއިރު އެ ޖަލްސާތަކުގައި މެމްބަރުން ޖުމްލަ 128 ގަޑިއިރާއި 37 މިނެޓް ހޭދަކޮށްފައިވާއިރު މެމްބަރުން 92 ޕަސެންޓު ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތަށް ބަލާއިރު، މި ދައުރުގައި 395 ކޮމިޓީ ބައްދަލުވުމުން ބޭއްވުނުއިރު 441 ގަޑިއިރާއި 20 މިނެޓް ކޮމިޓީތަކުގައި މެމްބަރުން ހޭދަކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“569 ގަޑިއިރު ގެ މަޖިލިސް މަސައްކަތް އަޅުގަނޑުމެން މިކުރީ. ކޮންމެ ދުވަހަކު އަށް ގަޑިއިރު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ އިއްޒަތްރެރި މެންބަރުނ.ް އަޅުގަނޑަށް ލަފާ ކުރެވޭގޮތުގައި މުސާރަ ހަލާލު،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލިސް ހިންގަމުންދާނީ ތިން ދައުރަކަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ގަވާއިދު ބުނެއެވެ.

Leave a comment

Your email address will not be published.