Wed, 29 January, 2020, 4:36 am
ރިޔާސީ އިންތިހާބަށް ނިކުތުމާއި މެދު ގޮތެއް ނިންމާނީ ރައީސް ސޯލިހާ މަޝްވަރާ ކޮށްފައި: ނަޝީދު

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކާ” ޕްރޮގްރާމުގައި އެމަނިކުފާނާ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަތައް ދައްކަން އަދި އަވަސް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ބައިވަރު ކަމަށާއި އެހެންކަމުން އެހެންކަމުން ރިޔާސީ އިންތިހާބާއި މެދު އަދި ނުވިސްނާ ކަމަށެވެ.

“ދެން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެމީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ، އަދި އަޅުގަނޑުމެން ކިހިނެއްތޯ ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާނީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެއްބަސްވާ ކަމެއް ކުރާނަން. އެއަކު އަޅުގަނޑު ހިތުގައި ޝައްކެއް ނެތް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ސިޔާސީ ކަންކަމުން ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާއީދުވެސް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރާނީ އެގޮތަށް ރައްޔިތުން ބޭނުންވާ ކަމަށް ވާނަމަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނު އެފަދަ މަސައްކަތެއް ފަށާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެނަމަ ކަމަށްވެސް ރަައީސް ނަޝީދު ވިދާޅުވިއެވެ.

“ވެރިކަމުގެ ނިޒާމަށް ބަލާއިރު އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީއަކަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ މީހެއް. އެ މަސައްކަތް އަޅުގަނޑު ކުރާނީ އެމްޑީޕީގެ ތެރެއިން އެކަން ކުރަން ގިނަ ރައްޔިތުންތަކެއް ތިބި ކަމަށްވާނަމަ. އެމްޑީޕީގެ ތެރެއިން މަދު ބަޔަކު އެކަން ކުރަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ދެއްތޯ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ސީދާ ނުދެންނެވި ނަމަވެސް އެމްޑީޕީން އއ. އުކުޅަހުގައި 2018ވަނަ އަހަރު ބޭއްވި ކޮންގްރެސްއާ ހަމައަށްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ދައްކަމުން ދިޔައީ ރައީސް ނަޝީދެވެ. އަދި ހުދު އެމަނިކުފާނުވެސް ހުންނެވީ އެކަން އެގޮތަށް ނިންމަވައިގެންނެވެ. ނަމަވެސް ޖަލު ހުކުމާއި އެކު އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވުމާއި އޭރުގެ ސިޔާސީ މަސްރަހު އެމަނިކުފާނު އިންތިހާބަށް ކުރިމަތިލެއްވުމާއި ގާނޫނީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީއެވެ.

Leave a comment

Your email address will not be published.