Tue, 7 April, 2020, 7:05 pm
ދެމަފިރިން އެކަކު އަނެކަކު ހިތުގައި ޖައްސައި، ލޯބި ނެތިދާ ގޮތަށް ބަސް ބުނެގެން ނުވާނެ

ދެމަފިރިން އެކަކު އަނެކަކާ ހުތުރު ބަހުން ވަހަކަ ދައްކައި ހިތުގައި ޖައްސަން ބަސް ބުނެ އުޅެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހެޔޮބަސް ބުނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާ ކަމަށާއި އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާންޖެހޭނެ ކަމަށެވެ.

އަދި ދަރިން މައިންބައިންނާ މުއާމަލާތު ކުރަންވީ ގޮތް ބަޔާންކޮށް ދެއްވައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތް ބަހުން އެ ދެމީހުންނަށް ބަސްބުނާށެވެ!”

ހުތުބާގައި ވިދާޅުވީ، ހަމައެފަދައިން ދެމަފިރިން ވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި ބަހުންނާއި އޯގާތެރި ބަހުން ކަމަށެވެ. އަދި އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި އެކަކު އަނެކަކު ހިތުގައި ޖައްސައި، އެދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބައި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

އެއީ މާތްﷲ ކާވެނީގައި ލެއްވި މާތް މަގުސަދު ގެއްލި ދެމަފިރިން ހަތަރުންނަށްވެ، ވަރި ފަށަށް އަރައިފާނެ ކަމެއް ކަމަށާއި ޒަވާޖީ ހަޔާތަކީ ލޯތްބާއި އޯގާތެރިކަމުގެ މަތީގައި ބިިނާވެފައި އޮަންނަންޖެހޭ މުގައްދަސު ގުޅުމެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ދެމަފިރިންގެ މެދުގައްޔާއި އަހުންނާއި އުހުތުންގެ މެދުގައްޔާއި ގާތްތިމާގެ މީހުންންގެ މެދުގައްޔާއި އަވަށްޓެރިންގެ މެދުގައްޔާއި ބާޒާރުމަތީގައި ގަނެވިއްކުމުގެ މުއާމަލާތު ތަކުގައްޔާއި މުވައްޒަފުންގެ މެދުގައްޔާއި ހިދުމަތް ހޯދުމަށް އޮފީސްތަކަށްދާ މީހުންނާއި ހިދުމަތްދޭ ފަރާތްތަކުގެ ދެމެދު ވެސް މުއާމަލާތް ކުރެވެން ޖެހޭނީ ރިވެތި ބަހުންނެވެ.

އޭގެ އިތުރުން ޑުރައިވަރުންނާއި ފަސިންޖަރުންނާދެމެދު ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު ވެސް އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނާ ވެސް މުއާމަލާތު ކުރަން ޖެހޭނީ ރިވެތި ބަހުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހަމައެގޮތަށް ފަގީރުންނާއި މުއްސަނދީންނާ ދެމެދު، ސަދަގާތް ދޭ މީހުުންނާއި ސަދަގާތުގައި ހިފާ މީހުންނާ ދެމެދު ވެސް މުއާމަލާތު ކުރެވެން ޖެހޭނީ ރިވެތި ގޮތުގައިކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ އެކަމުގައި ކިބުރވެރިކަމެއް، ބޮޑާކަމެއް، ކަންދެއްކުމެއް، ކަލަގޮވުމެއް އޮވެގެން ނުވާނެ ކަމަށެވެ.

Leave a comment

Your email address will not be published.