Sun, 29 March, 2020, 12:48 pm
“ކައިވެނިން ބޭރުން ގުޅުން ހިންގުން ގިނަވެއްޖެނަމަ ބަލިމަޑުކަމާއި ވަބާ ފާޅުކުރައްވާނެ”

ކައިވެނިން ބޭރުގައި ހިންގޭ ބަދުއަހުލާގީ އަމަލުތައް ބައެއްގެ ތެރޭގައި ގިނަވެއްޖެނަމަ ބަލިމަޑުކަމާއި ވަބާތައް އެބައެއްގެ ތެރޭގައި ފާޅުކުރައްވާނޭ ކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ފާފަތަކާއި ދުރުހެލިވުމުގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިފިނަމަ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށެވެ.

އެފަދަ ބަލިމަޑުކަން އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކާއި އެކަމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ތަބީއީ ނިޒާމުން އެއްކިބާވެ، އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުގެ ސަބަބުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އެފަދަ އަމަލުތައް ބައެއްގެ ތެރޭގައި ގިނަވެއްޖެނަމަ، ކުރީގެ އުންމަތްތަކުގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އުއްމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ހަދީޡެއްވެއެވެ.

“އުއްމު ސަލަމާ رضي الله عنها ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޡް ކުރެއްވީތީ ތިމަން ކަމަނާ އަޑުއެއްސެވީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ ފާހަގަކުރުން ފާޅުވެ، އާންމުވެއްޖެނަމަ، ﷲގެ ހަޟްރަތުން އެބައިމީހުންގެ މައްޗަށް އާންމުވެގެންވާ އަޒާބެއް ފޮނުއްވައިފާހުއްޓެވެ،”

އެހެންކަމުން ހުތުބާގައި ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވާހަތަކުން އިބުރަތް ލިބިގަނެ، ކުޑަ ހިނދުކޮޅެއްގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލައިނުލުމަށް ގޮވާލައިފައެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ކައިވެނި ހުއްދަ ކުރައްވާފައިވާއިރު ކައިވެނީގެ ތެރެއިން، މާތް ﷲ ރުހިވޮޑިގެންވާ މަގުން ކަންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އެބައިމީހުންގެ ގުޅުންތަކާއި އުޅުންތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ބަހައްޓާ ކަމުގައިވާނަމަ އެބައިމީހުންގެ ތެރޭގައި ބޭރުފުށާއި އެތެރެފުށުގެ ސާފުކަމާއި ތާހިރުކަން ފެތުރި، ބަލިތަކުން ދުރުހެލިވެ، ރައްކާތެރިކަން ލިބި، ހިތްހަމަޖެހުމާއި އަމާންކަން ފެތުރިދާ ކަމަށެވެ.

ނަމަވެސް ﷲގެ އަމުރުފުޅުތަކަށް ކިޔަމަން ނުވެ، ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލި ނުވެއްޖެނަމަ، ހީވެސް ނުކުރާފަދަ ދަތި އުދަނގޫ ކަންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ބައެއް ފަހަރު ހައިހޫނުކަމާއި ކުރިމަތިލާން ޖެހޭއިރު އަނެއްބައި ފަހަރު ބަލިމަޑުކަމާއި މުޖުތަމައުގައި އޮންނަ އަމާންކަން ގެއްލި ބިރުވެރިކަމާއި ނުތަނަވަސްކަން ފަދަ ކަންކަމާއި ކުރިމަތިލާންޖެހޭ ކަމަށެވެ.

މާތް ﷲ ދެއްވި އެންމެ އަގު ބޮޑު އެއް ނިއުމަތަކީ އެކަލާނގެ އަޅުތަކުންނަށް ހިދާޔަތާއި ތެދުމަގު ދެއްކެވުމަށްޓަކައި އެކަލާނގެ ބާވައިލެއްވި އެކަލާނގެ ފޮތްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެ ފޮތުގައި ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ އިންސާނުންނަށް ގެއްލުމާއި ހަލާކު ހުރި ކަންކަން ކަމަށެވެ. އަދި ހުއްދަ ކުރައްވާފައިވާ ކޮންމެ ކަމަކީ އެކަމުން މުޅި އިންސާނިއްޔަތަށް ލާބަ އާއި މަންފާ ހުރި ކަންކަން ކަމަށެވެ.

އެގޮތުން މީހުން މެރުމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ފޭރުމާއި ދެޖިންސު މައްސުނިވެގެން ހިންގޭ ފާހިޝް އަމަލުތަކާއި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ނުބައި އަމަލުތައް ހުއްޓުވުމަށްޓަކައި ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އަދަބުތައް ތަންފީޒު ކުރުމަކީ އިންސާނީ ދަރިފަސްކޮޅަށް ހަމަޖެހުމާއި އަމާންކަން ﷲ މިންވަރު ކުރައްވާނެ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ﷲ ކަނޑައަޅުއްވާފައިވާ ގަވާއިދުތައް މުގުރާލައި ހިތު ހުރި ގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިއުމަތަށް ކުފުރުވުން ކަމަށާއި އެފަދަ ކަންތައް އާންމު ވުމަކީ އިންސާނުންގެ ނަފްސުތައް މާތްﷲ ގެ ކޯފާއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ ނުބައި އަމަލުތަކުން ދުރުހެލިނުވެ ހަވާނަފްސަށް ތަބާވެގެން އުޅުމަކީ މާތް ﷲގެ ކޯފާ އެބަޔަކަށް ހައްގުވެދާނެ ކަމެއް ކަމަށާއި ހަމައެއާއެކު ދުނިޔޭގައި އެބައިމީހުންނަށް ނުރައްކަލާ ކުރިމަތިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.