Wed, 29 January, 2020, 4:48 am
ރާއްޖެއިން ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުރެވޭ މީހަކު ފެނިއްޖެ

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ނުވަތަ މީސަލްސް ޖެހިފައިވާ ކަމަށް ޝަކުވާ ފަރާތެއް ފެނިއްޖެއެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން ޑަބްލިއުއެޗްއޯ އިން އިއުލާނުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި އެކަން ފާހަގަކޮށް ރާއްޖެއަށް އެވޯޑް ދީފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހިމަބިހި އަށް ޝަކުވާ ފަރާތެއް ފެނުމުން، ޓެސްޓުކޮށް ބަލި ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެ ބަލިޖެހިފައިވާ ހުރިކަން ޝައްކު ކުރެވިފައިވަނީ ކިހާ އުމުރެއްގެ މީހަކަށް ކަމެއް ނުބުނެއެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް އެދިފައިވެއެވެ.

އެޗްޕީއޭއިން މިކަން ހާމަކުރުމުގެ ކުރިން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވަނީ ރާއްޖެއިން އަނެއްކާވެސް ހިމަބިހި ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ހަނދާންނެތިގެން ވެސް ކުޑަކުދިންނަށް ވެކްސިނެއް ނުޖެހިވާނަމަ އަވަހަށް ޖެހުމަކީ މުހިންމު ކަމެކެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށް ވިދާޅުވިއެވެ.

“ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުން. ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރު ވަންދެން އެ ވައިރަސް އެތަނުގައިހުރޭ. އަދި އެތަނަށް އަންނަ އެހެންމީހުންނަށް ޖެހޭނެ،” ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރުއެވެ.

Leave a comment

Your email address will not be published.