Wed, 29 January, 2020, 3:18 am
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން --
ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެނެސް، ބޮޑު ކެމްޕޭނެއް ފަށަނީ

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެނެސް، ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ގުޅޭ ގޮތުން ގެންނަ ވެކްސިން 10 ވަރަކަށް ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަމީން ވިދާޅުވާ ގޮތުގައި ހިމަބިއްސަށް ވެކްސިން ނުދީ ތިބި މީހުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އެގޮތުން މާދަމާގެ ނިޔަލަށް އެ މައުލޫމާތު ހޯދާ ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ދާނެ ކަމަށެވެ.

“ވެކްސިން ރާއްޖެ އާއި ހަމައަށް ގެނައުމަށް ނަގާނީ 10 ވަރަކަށް ދުވަސް ކަމަށް މައުލޫމާތު ލިބެނީ. މި ވެކްސިން، ހިމަބިހި ކޮންޓްރޯލުވެގެން ދިޔަ ނަމަވެސް ވެކްސިން ޕްރޮގްރާމު ކުރިއަށް އޮތް ތިން މަހަށް ކުރިއަށް ގެންދާނަން،” މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހަންޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވުނުތޯ ކަށަވަރު ކުރާނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ދެވަނަ ޑޯޒް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު ހުޅުމާލޭގައި މި ރެއިން ފެށިގެން ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ގާއިމް ކުރުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް، އެބަލި ޖެހިފައި ހުރި ކުޑަކުއްޖަކު ވަނީ ފެނިފަ އެވެ. އަދި އެކުއްޖާއަކީ ހިމަބިހީގެ ވެކްސިން ނުޖަހާ ހުރި ކުއްޖެކެވެ.

Leave a comment

Your email address will not be published.