Wed, 29 January, 2020, 4:56 am
ލައިލާގެ ކުރީގެ ބޮޑީގާޑު --
ލައިލާގެ ކުރީގެ ބޮޑީގާޑަށް ވަޒީފާ ދިނުމަށް ހުކުމްކޮށްފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު ސ. ފޭދޫ އާސްތާނާ އަހުމަދު ފައްތާހު ވަޒީފާއިން ވަކިކޮށްފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާއަށް ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތަކާއެކު އަލުން ވަޒީފާ ދިނުމަށެވެ. އަހުމަދު ފައްތާހު ވަޒީފާއިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި އޭރު ސިފައިންގެއިން ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައެވެ. އެ މައްސަލާގައި ފައްތާހު ހައްޔަރުވެސް ކުރިއެވެ. ސިފައިންގޭގައި އޭނާ ހައްޔަރުކުރި ނަމަވެސް ތަހުގީގަށްފަހު އޭނާ ދޫކޮށްލިއެވެ.

ފައްތާހު ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ވަނީ އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް 18 އޯގަސްޓް 2016ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނުއަސާސީގެ 37 ވަނަ މާއްދާ އާއި، ސިފައިންގެ ގާނޫނާއި، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާއި، ސިފައިންގެ އާއްމު ގަވާއިދާއި، ސިފައިންގެ އަހުލާގާއި ސުލޫކާ ހިލާފުވެފައިވާތީ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށާއި، ޔުނިވާސަލް ޑިކްލަރޭޝަން އޮފް އިހުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ މުއާހަދާގެ ދަށުން އެކަމަށް އިންސާފުވެރި ނިންމުމެއް ލިބުމުގެ ހައްގާގުޅޭ އުސޫލުތަކާ ހިލާފަށްކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ފައްތާހަށް އެއް އަހަރު ދުވަހުގެ މުސާރައިގެ ގޮތުގައި 183،720 ރުފިޔާއާ އެ މުއްދަތުގެ ރޯދަމަހުގެ އިނާޔަތް އެއްމަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ހަލާސް ކުރުމަށެވެ. އަދި އޭނާގެ ވަޒީފާ 15 ދުވަހުގެ ތެރޭގައި އަނބުރާ އިޔާދަ ކޮށްދިނުމަށްވެސް ހުކުމްކުރިއެވެ.

Leave a comment

Your email address will not be published.