Sun, 29 March, 2020, 11:24 am
ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެނުންނަށް ވެބްސައިޓް ހަދަން ދަސްކޮށްދެނީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެނުންނަށް ވެބްސައިޓް ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ނިންމައިފިއެވެ.

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން “ޖެންގޯ ގާލްސް މާލެ” ނަމުގައި ހަފްތާ ބަންދުގައި ބާއްވާ މި ވޯކްޝޮޕް ހާއްސަކޮށްފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.

މި ވޯކްޝޮޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޖެންގޯ ގާލްސްގެ ވޯކްޝޮޕެކެވެ.

އެގޮތުން އެ ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ވެބްސައިޓް ހަދަން ދަސްކޮށްދޭނެއެވެ.

ދިރާގުން ބުނީ، މި ވޯކްޝޮޕްގައި މެންޓާސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ވިމެން އިންޓެކް މޯލްޑިވްސް އިން މިދިޔަ އަހަރު ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން ކަމަށެވެ. އެހެންކަމުން ޕްރޮގްރާމިންގްގެ އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް އެ ވޯކްޝޮޕުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އަދި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި “ގާލްސް ޓު ކޯޑް”ގެ ނަމުގައި އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ސީރީސް ޕްރޮގްރާމެއް ވެސް ވަނީ ފަށައިފައެވެ.

މިގޮތުން، މިދިޔަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމު ފުވައްމުލަކުގައި ވަނީ ބާއްވާފައެވެ. މިފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގުމަށް ވެސް ވަނީ ރާވައިފައެވެ.

Leave a comment

Your email address will not be published.