Tue, 7 April, 2020, 7:10 pm
މުއްސަންޖަކަސް ދުނިޔެ ދޫކޮށް ދާންޖެހެނީ އޮޅާލާ ތިންފޮށައާ އެކުކަން ހަނދާންކުރޭ

ކިތަންމެ މުއްސަނދި މީހެއް ކަމަށްވި ނަމަވެސް އެމީހަކު ދުނިޔެ ދޫކޮށްފައި ދާން ޖެހެނީ މައްޔިތާގެ ހަށިގަނޑުގައި ކަފުނުގެ ގޮތުގައި އޮޅާލާ ތިންފޮށައާއެކުކަން އިންސާނާ އަބަދުވެސް ހަނދާން ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހަލާލު ތަކެތި ބޭނުންކުރުން” މި މައުޟޫއަށް މިއަދު ދެއްވި ހުތުބާގައި ވިދާޅުވީ، ދުނިޔެއަށް ވުޖޫދުވާ ކޮންމެ މަހުލޫގެއްގެ ރިޒްގު ވަނީ ކަނޑައެޅި ލިޔެވިގެން ކަމަށާއި އެމީހަކަށް ކަނޑައެޅިފައިވާ ރިޒްގު ފުރިހަމައަށް ލިބުމަށް ފަހުގައި މެނުވީ އެއްވެސް އިންސާނަކު ދުނިޔެ ދޫކޮށްފައި ނުދާނެ ކަމަށެވެ.

އަދި މުދަލާއި ފައިސާއަށް އިންސާނާގެ ހިތް ލެނބުމަކީ ތަބީއީ ކަމެއް ކަމަށާއި އެ ތަކެއްޗަކީ އިންސާނާ ނުހަނު ބޮޑަށް ލޯބިކުރާ ތަކެތި ނަމަވެސް ހަރާމެއް ހަލާލެއް ނުބަލައި މުދާ ހޯދުމާއި ފައިސާވެރިވުމަކީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ އެމީހަކު ކުރާ އަޅުކަމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ކިތަންމެ މުއްސަނދި މީހެއް ކަމަށްވި ނަމަވެސް އެމީހަކު ދުނިޔެ ދޫކޮށްފައި ދާން ޖެހެނީ މައްޔިތާގެ ހަށިގަނޑުގައި ކަފުނުގެ ގޮތުގައި އޮޅާލާ ތިންފޮށަ އާއި އޭގައި އުނގުޅާ ހާނޫތު ކޮޅަކައިގެން. އޭނާ އެއްކުރިހައި މުދާތައް ވާރުތަ ވެރިންނަށް ދޫކޮށްފައި ކަމަށެވެ.

މިއީ އިންސާނާ އަބަދުވެސް ހަނދާން ކުރަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން އޭނާ ހޯދާ ފައިސާ އާއި ތަނަވަސް ކަމަކީ ﷲ ހަލާލު ކުރެއްވި ގޮތުގައި ހޯދި އެއްޗެއްތޯ ކަށަވަރު ކުރަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އޭނާ އާއި އޭނާގެ އަނބިދަރިންނަށް ކާންދެވެނީ ހަލާލު ތަކެތިތޯ ބެލުން އޭނާގެ މައްޗަށް ވާޖިބު ވާކަމަށާއި އޭނާގެ އަނބިދަރިންނަށް ދޫކޮށްފައި ދިޔަ މުދަލަކީ ހަލާލު އެއްޗެއް ކަމުގައި ވޭތޯ ބެލުމަކީ އޭނާ ކުރަންޖެހޭ ކަމެއް ކަމަށްވެސް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.