Sun, 29 March, 2020, 11:45 am
“މާސްޓަޝެފް މޯލްޑިވްސް” ލޯންޗުކޮށްފި، ސެޕްޓެމްބަރުގައި ދައްކަން ފަށާނެ!

މަޝްހޫރު ޓިވީ ފްރެންޗައިޒް، “މާސްޓަޝެފް” ޕަބްލިކް ސާވިސް މީޑިއާ، (ޕީއެސްއެމް) އިން ރާއްޖެއަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ޓީވީއެމްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންޑެމޯލް ޝައިން ކުންފުނީގެ ފްރެންޗައިޒް، “މާސްޓަޝެފް މޯލްޑިވްސް” ލޯންޗްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ އެމްޑީ ހާލިދު ވިދާޅުވީ، މިއީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ކައްކާއިންނާއި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަގުވާމީ ފަންތީގައި ވާދަކޮށް، ބެލުންތެރީންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާާބިލުކަން ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

މާސްޓަޝެފްގެ ޝޯތައް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދައްކަން ފަށާނެއެވެ. ނަމަވެސް އޭގެ ކުރިން އޮޑިޝަން ކުރިއަށް ގެންގޮސް ޖަޖުން އިއުލާނު ކުރާނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. އެގޮތުން ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގެވެ.

އޭގެ އިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު ވަނީ ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޕީއެސްއެމްއިން ބުނީ ސްޕޮންސަރުންނަށް މާސްޓަ ޝެފް ޝޯ ތެރެއިންނާއި ބޭރުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ 30 އަހަރު ކުރިން ދައްކަން ފެށި މާސްޓަޝެފްގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވެސް ބޮޑުވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މާސްޓަޝެފްގެ ލޯކަލް ޝޯތައް ތައާރަފްވެގެން ދިޔައީ 2009 ވަނަ އަހަރު ފަހުން “މާސްޓަޝެފް އޮސްޓޭލިޔާ”އާއެކު އެވެ. މިއަދު އެ ޝޯގެ 53 އުފެއްދުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ގެނެސްދެއެވެ.

Leave a comment

Your email address will not be published.