Fri, 28 February, 2020, 5:11 pm
ހިމަބިއްސަށް ފަރުވޭ ދޭ ސެންޓަރުތައް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހެލްތު މިނިސްޓްރީން ގާއިމްކޮށްފައިވާ ސެންޓަރުން ހިދުމަތް ދޭން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ސެންޓަރުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ރޭގަނޑު 10:00އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެ ސެންޓަރު ގާއިމްކޮށްފައި ހުންނަނީ ހުޅުމާލެ އޯޓިޒަމް ސެންޓަރާއި ޖެހިގެން އުތުރަށް ހުންނަ ޕްރީ ސްކޫލުގައެވެ. އެ ސެންޓަރުން ހިމަބިއްސަށް ސްކްރީން ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުން އައިސް ގައިގާ ކުދި ބިހިތަކެއް ނަގާ ކަމަށްވާ ނަމަ ލަސްނުކޮށް އެ ސެންޓަރަށް ގޮސް ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެހެންކަމުން ހުމާއެކު ގައިގައި ކުދި ބިހިތަކެއް ނަގާނަމަ، އެ ސެންޓަރަށް ގޮސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ 7289259 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހިމިބިހީގެ ވެކްސިނޭޝަން ސެންޓަރު ގާއިމުކޮށްފައި ވަނީ މާލޭ ސޯޝަލް ސެންޓަރުގައެވެ. ހެލްތު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާދެމެދު އެ ސެންޓަރުގައި އުމުރުން ހަ މަހާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިއްސަށް ދޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 7492509 އަށް ގުޅަން ހެލްތުން ވަނީ އެދިފައެވެ.

ދާދިފަހުން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވީ މީގެފަހުން ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ދެން ފަރުވާދޭނީ އެތަނުން ކަމަށެވެ.

އިއްޔެވެސް ވަނީ ހިމަބިއްސަށް މީހަކު ޕޮޒިޓިވްވެފައެވެ. ހެލްތު މިނިސްޓްރީން އަންނަނީ ދެލައްކަ މީހުންނަށް ޖެހޭ ވަރަށް ރާއްޖެއަށް ވެކްސިން އެތެރެ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އެއާއެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ކެމްޕޭނެއް ވެސް ހިންގުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

ހިމަބިއްސަކީ ރާއްޖެއިން އެއްކޮށް ނައްތާލާފައިވާ ބައްޔެކެވެ. އެހެންނަމަވެސް ދާދިފަހުން ތުއްތު ކުއްޖަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި އެކުއްޖާއަކީ ވެކްސިން ޑޯޒު ހަމަ ކޮށްފައި ނުވާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭގެފަހުން އިތުރު ތިން މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.

Leave a comment

Your email address will not be published.