Fri, 28 February, 2020, 4:31 pm
އޭޖީ ރިފްއަތު: ފޮޓޯ / އަވަސް
އެންމެ ގިނައިން ކޯޓުތަކަށް ހުށަހެޅުނީ ދައުލަތާއި ދެކޮޅު މައްސަލަތައް: އޭޖީ

ނިމިދިޔަ 2019ވަނަ އަހަރު އެންމެ ގިނައިން ޝަރުއީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކީ ދައުލަތާއި ދެކޮޅަށް ހުށަހެޅިގެން ދިޔަ މައްސަލަތައް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުން ދައުވާ ކުރި މައްސަލަތަކަށް ވުރެ ދައުވާ ރައްދުވި މައްސަލަތައް ވަނީ އިތުރުވެފައެވެ. މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ.

ބަންޑާރަ ނާއިބު އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ، ދައުލަތުން އިސްވެ، ދައުވާ ކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ އަދަދު 429އަށް އަރައެވެ.

މިދިޔަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުގެ ގާނުނީ ވަކީލުން 1924 އަޑުއެހުމަކަށް ހާޒިރުވެ، ވަކާލާތުކޮށްފައިވާއިރު، ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ. އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ ގޮތަށް 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ.

Leave a comment

Your email address will not be published.