Fri, 28 February, 2020, 5:50 pm
ސީއެސްސީ ލަސްކަމުން ޝާހިދު ފާޑު ވިދާޅުވެއްޖެ

ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއެއް އައްޔަން ނުކުރެވި ގިނަ ދުވަސްވުމުން އެކަމާއި ނުރުހުން ފާޅުކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިވިލް ސާވިސް ކޮމިޝަނަށް ފާޑު ކިޔައިފިއެވެ.

ދުވަސްތަކަކަށް ފަހު ފޮރިން މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމިނިސްޓްރީ އަށް ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް ހުށަހަޅައިފައިވާތާ މިހާރު 100 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

“ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމު ހުސްވުމަށް ފަހު 3 މަހާއި 12 ދުވަސް ވޭތުވެގެން މިދިޔައީ. އަޅުގަނޑަށް ޕީއެސްއެއް އައްޔަން ވެއްޖެތާ ބަރާބަރު 42 ދުވަސް ފަހުން ކޮމިޝަނުން މިނިސްޓްރީގެ މަސައްކަތަށް ޕީއެސް ފޮނުއްވެވީ،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީއަށް މުވައްޒަފުންތަކެއް ބޭނުންވެގެން އިއުލާން ކޮށްފައިވާ ކަމަށާއި އެކަމަށްވެސް 28 ދުވަސް ވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ޝާހިދު ވަނީ އެފަދައިން ކަންކަން ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް އިލްތިމާސް ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަކީ އެންމެހާ މުވައްޒަފުންނަށް ނަމޫނާ ދައްކަން ޖެހޭ ތަނެއް ކަމަށާއި، ނަަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ އެކޮމިޝަނުން ކުރަން ޖެހޭ ކަންކަން ލަސްވެ ކަންކަން ދިގުލައިގެންދާ މަންޒަރު ކަމަށެވެ.

Leave a comment

Your email address will not be published.